އެމެރިކާ ވަކިވި ނަމަވެސް ކެލިފޯނިއާ އިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ އެކު ކުރިއަށް ދިއުމަށް ނިންމައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް ވަކިވި ނަމަވެސް، އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުން އެ ޖަމްއިއްޔާއާ އެކު ގުޅުން ދެމެހެއްޓުމަށް ނިންމައިފިއެވެ. ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމް އިއުލާން ކުރެއްވި ގޮތުގައި، އެ ސްޓޭޓަކީ ޑަބްލިއުއެޗްއޯގެ ބަލިތައް ދެނެގަތުމާއި އިޖާބަދިނުމުގެ ބައިނަލްއަގުވާމީ ވިއުގަ (ގްލޯބަލް އައުޓްބްރޭކް އެލާޓް އެންޑް ރެސްޕޮންސް ނެޓްވޯކް) ގައި ބައިވެރިވި އެމެރިކާގެ ފުރަތަމަ އަދި ހަމައެކަނި ސްޓޭޓެވެ.

މި ނިންމުން އިއުލާންކޮށްފައިވަނީ އެމެރިކާ ސަރުކާރުން ޑަބްލިއުއެޗްއޯ އިން ވަކިވުމުގެ ރަސްމީ މަރުހަލާ ނިންމިތާ އެއް ދުވަސް ފަހުންނެވެ.

ގަވަރުނަރު ނިއުސަމްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޓްރަމްޕްގެ ސަރުކާރުން އެމެރިކާ އެ ޖަމްއިއްޔާއިން ވަކިކުރި ނަމަވެސް، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި ސިއްހީ ނުރައްކާތަކަށް އަވަސް އިޖާބައެއް ދިނުމަށް ކެލިފޯނިއާ އިން ބައިނަލްއަގުވާމީ މައިދާނުގައި އިސްނަގާނެ ކަމަށެވެ.

ގަވަރުނަރު ނިއުސަމް ވަނީ އެމެރިކާގެ މަރުކަޒީ ސަރުކާރުން ޑަބްލިއުއެޗްއޯ އިން ވަކިވުމަށް ނިންމި ނިންމުމަކީ "ޒިންމާދާރުކަން ކުޑަ" ނިންމުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އޭނާ ވިދާޅުވީ މި ނިންމުމުގެ ސަބަބުން ކެލިފޯނިއާގެ ރައްޔިތުންނަށާއި މުޅި އެމެރިކާގެ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން އުފެދޭ ހަލަބޮލިކަމުގެ ތެރޭގައި ކެލިފޯނިއާ އިން މަޑުން ނޯންނާނެ ކަމަށާއި، ސިއްހީ ކާރިސާތަކަށް ތައްޔާރުވުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އާދެވުނީ ދާވޯސްގައި ގަވަރުނަރު ނިއުސަމް އާއި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ބައްދަލުކުރައްވައި، ބަލިތައް މޮނިޓަރ ކުރުމާއި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

އެމެރިކާ އިން އދ. ގެ 31 އިދާރާއަކުންނާއި ބައިނަލްއަގުވާމީ އެކި މުއާހަދާތަކުން ވަކިވުމަށް ނިންމުމާ ގުޅިގެން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ނުހަނު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ އިން ވަކިވި ނަމަވެސް އދ. އިން ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އދ. ގެ ބަޖެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ ބައިނަލްއަގުވާމީ ގާނޫނީ އިލްތިޒާމެއް ކަމަށާއި، އެމެރިކާ ހިމެނޭހެން ހުރިހާ މެންބަރު ގައުމުތަކުން އެކަމަށް އަމަލުކުރަން ޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ދަނޑިވަޅުގައި ރަޝިޔާ ފަދަ ގައުމުތަކުން ވަނީ ޑަބްލިއުއެޗްއޯ އިން ވަކިނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ހިއްސާ ކުރައްވާ!