އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން، އެމެރިކާއިން ދުނިޔޭގެ 86 ގައުމަކާއެކު ކުރަމުންދިޔަ ވިޔަފާރީގެ މުއާމަލާތްތައް ބޮޑުތަނުން ދަށްވެފައިވާކަން އެމެރިކާގެ ކަސްޓަމްސް ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ރަޝިޔާގެ ނޫސް އެޖެންސީ 'ނޮވޮސްޓީ' އިން އެމެރިކާގެ ކަސްޓަމްސް ޑޭޓާ އެނަލައިޒްކޮށް ބުނެފައިވާ ގޮތުގައި، ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފެއްޓެވި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ޖެނުއަރީން އޮކްޓޯބަރު 2025 އަށް ގިނަ ގައުމުތަކަކާއެކު ކުރި ވިޔަފާރި ވަނީ މަދުވެފައެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ ޣައްޒާ ސަރަހައްދާއެކު ކުރި ވިޔަފާރިންނެވެ. ޣައްޒާއާއެކު ކުރި ވިޔަފާރީގެ މިންވަރު 177 ގުނަ ދަށްވެ، އެ އަދަދު ވަނީ އެންމެ 2,600 ޑޮލަރަށް ވެއްޓިފައެވެ. މީގެ އިތުރުން އެފްރިކާ ބައްރުގެ ގައުމުތަކަށް ވެސް މި ސިޔާސަތުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. އެގޮތުން އެރިޓްރިއާއާއެކު ކުރި ވިޔަފާރި 88.8 އިންސައްތަ ދަށްވެފައިވާއިރު، ދެކުނު އެފްރިކާއާއެކު 68.1 އިންސައްތަ އަދި ޓެންޒޭނިއާއާއެކު 63.4 އިންސައްތަ ވަނީ ދަށްވެފައެވެ.
ޔޫރަޕްގެ 12 ގައުމަކަށް އެމެރިކާގެ އާ ޓެރިފް ސިޔާސަތުތަކުގެ އަސަރު ކޮށްފައިވެއެވެ. މީގެ ތެރެއިން ގްރީންލޭންޑާއެކު ކުރި ވިޔަފާރި 86.6 އިންސައްތަ ދަށްވެފައިވާއިރު، މޮނާކޯއިން 67.5 އިންސައްތަ އަދި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާއެކު 60 އިންސައްތަ ވަނީ ދަށްވެފައެވެ.
އިރުމަތީ އޭޝިއާ ސަރަހައްދަށް ބަލާއިރު، ލާއޯސްއާއެކު ކުރި ވިޔަފާރި 54 އިންސައްތަ، ބުރުނާއީއިން 24.2 އިންސައްތަ އަދި ޗައިނާއާއެކު ކުރި ވިޔަފާރި 23.2 އިންސައްތަ ވަނީ ދަށްވެފައެވެ.
މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މޮންގޯލިއާއާއެކު ކުރި ވިޔަފާރި 43.6 އިންސައްތަ، ތަޖިކިސްތާނުން 29.3 އިންސައްތަ އަދި ކަޒަކިސްތާނުން 15.7 އިންސައްތަ ދަށްވެފައިވާކަން ރިޕޯޓްތަކުން ދައްކައެވެ. މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ޔަމަނާއެކު ކުރި ވިޔަފާރި 55.9 އިންސައްތަ ދަށްވެފައިވާއިރު، އީރާނާއެކު ކުރި ވިޔަފާރި ވަނީ 38.5 އިންސައްތަ ދަށްވެފައެވެ.
ރައީސް ޓްރަމްޕް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގެންގުޅުއްވަނީ އެމެރިކާގެ އުފެއްދުންތަކަށް އިސްކަންދީ، ބޭރުގެ މުދަލުން ބޮޑު ޓެކްސް ނުވަތަ ކަސްޓަމްސް ޑިއުޓީ ނެގުމުގެ ސިޔާސަތެކެވެ. މިއީ އެމެރިކާގެ ސިނާއަތްތައް ހިމާޔަތްކޮށް، ވިޔަފާރީގެ ޑެފިސިޓް ކުޑަކުރުމަށް ކުރައްވާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މި ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ އިގްތިސާދީ މަސްރަހުގައި ބޮޑެތި ނުތަނަވަސްކަން އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.






