އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރޭނާ މެދު ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން، އެ ގައުމު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ. މިކަމުގެ ސަބަބުން ކީވް އާއި ބްރަސަލްސްއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވެއެވެ.
ބްރިޓިޝް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ހުށަހެޅުމަކީ ޔޫކްރޭނާއެކު މިނިވަން ވިޔަފާރީގެ ކޮރިޑޯއެއް ގާއިމުކުރުމެވެ. ނަމަވެސް މި ހުށަހެޅުމުގެ ސަބަބުން ޔޫކްރޭން އީޔޫގެ މެންބަރަކަށް ވުމަށް ކުރާ އުންމީދުތަކަށް ނުރައްކާވެއެވެ. ސަބަބަކީ އީޔޫގެ ކަސްޓަމްސް ޔޫނިއަންގެ މެންބަރުންނަކީ ބޭރުގެ ގައުމުތަކާއެކު ކުރާ ވިޔަފާރީގެ ކަންކަން ބްރަސަލްސްގައި ހުންނަ ޔޫރަޕިއަން ކޮމިޝަނާ ހަވާލުކުރަންޖެހޭ ބަޔަކަށް ވާތީއެވެ.
މި ހާލަތުގައި ޔޫކްރޭނަށް އީޔޫއާ ގުޅޭނީ ހަމައެކަނި ބްރަސަލްސް އިން ވޮޝިންޓަނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްގެންނެވެ. ނަމަވެސް މިއީ މިވަގުތުގެ ހާލަތަށް ބަލާއިރު ވުން ވަރަށް ނާދިރު ކަމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ. މީގެ އިތުރުން، އެމެރިކާގެ ރިޔާސީ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ ޔޫކްރޭންގައި ޓެކްސް ނުނަގާ މިނިވަން ސަރަހައްދެއް ގާއިމުކުރުމުގެ ފުރުސަތު އޮތްކަން ހުކުރު ދުވަހު އިއުލާން ކުރައްވާފައެވެ.
މި ދަނޑިވަޅުގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ޔޫރަޕްގެ ބައިވެރިންނަށް އަމާޒުކުރައްވައި ދެއްވި ހޫނު ހަމަލަތަކުގެ ސަބަބުން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. ޒެލެންސްކީ ވަނީ އީޔޫގެ އެތެރޭގެ ކޯޅުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ ސަބަބުން ޔޫކްރޭން އީޔޫއާ ގުޅުމުގެ މަރުހަލާ އަވަސްކުރުމަށް ޔޫރަޕްގެ ގައުމުތަކުން ބޭނުންނުވާނެ ކަމަށް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރްބާން ވެސް ވަނީ މިކަމާ ގުޅޭގޮތުން ހަރުކަށި ބަހުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 100 އަހަރު ތެރޭގައި ވެސް ޔޫކްރޭން އީޔޫއާ ގުޅުމަށް ހަންގޭރީން އެއްބަހެއް ނުވާނެއެވެ. ޔޫކްރޭން އީޔޫއާ ގުޅިއްޖެނަމަ ހަންގޭރީގެ އިގްތިސާދު ސުންނާފަތިވާނެ ކަމަށް އޭނާ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
ޔޫކްރޭންގެ ގާނޫނު ހަދާ މަޖިލީހުން 2019 ވަނަ އަހަރު ވަނީ އެ ގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް، އީޔޫގެ ފުރިހަމަ މެންބަރަކަށް ވުމަކީ ދައުލަތުގެ ރަސްމީ އަމާޒު ކަމުގައި ކަނޑައަޅާފައެވެ. ނަމަވެސް މިހާރު އުފެދިފައިވާ ބައިނަލްއަގުވާމީ ސިޔާސީ އޮއިވަރުގެ ސަބަބުން އެ އަމާޒަށް ވާސިލުވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.







