އެޕްސްޓީންއާ ގުޅުން އޮތް މައްސަލަ ހޫނުވެ، ޑރ. ވަހީދު މަގާމުން އިސްތިއުފާ ދެއްވައިފި

އެމެރިކާގެ ނުފޫޒުގަދަ އިޒްރޭލުގެ އެޖެންޓު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވިކަން ހާމަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. ވަހީދުގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި މައްސަލަ ހޫނުވެފައިވަނިކޮށް ޑރ. ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، 2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ކުރެވުނު ޖިންސީ ކުށުގެ ތުހުމަތުތަކާއި އޭނާ ހައްޔަރުކުރިކަން އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެކަން އެނގިވަޑައިގެންނެވި ނަމަ އެ ބައްދަލުވުމުގެ ފަހުން ގުޅުން އިތުރަށް ކުރިއަށް ނުދާނެކަން ކަށަވަރު ކުރެއްވީހެވެ،" އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަހީދުގެ އޮފީހުން ބުނި ގޮތުގައި އެޕްސްޓީންއާ ބައްދަލުކުރެއްވީ ރާއްޖެއަށް މާލީ އެހީތެރިކަމާއި ބަޖެޓުގެ ދަތިކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ލަފާގެ މަތިންނެވެ. އެ ބައްދަލުވުންތަކަކީ ނިއުޔޯކްގެ ނުފޫޒުގަދަ ފަންޑް މެނޭޖަރެއްގެ ހައިސިއްޔަތުން ބޭއްވި ރަސްމީ ބައްދަލުވުންތަކެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި އަމިއްލަ ނުވަތަ އިޖުތިމާއީ ބައްދަލުވުންތަކެއް ނޫން ކަމަށް އެ އޮފީހުން ބުނެއެވެ.

އެޕްސްޓީންގެ ފައިލްތަކުން ހާމަވާ ގޮތުގައި ޑރ. ވަހީދު ވަނީ ދެ ފަހަރެއްގެ މަތިން ނިއުޔޯކްގައި ހުންނަ އެޕްސްޓީންގެ ގޭގައި އޭނާއާ ބައްދަލުކުރައްވާފައެވެ. ފުރަތަމަ ބައްދަލުވުމަކީ 23 ސެޕްޓެމްބަރު 2012 ގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެކެވެ. ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ 18 މެއި 2014 ގައެވެ. މި ބައްދަލުވުމުގައި ޑރ. ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ބަޔާނުގައިވެއެވެ.

ކުރީގެ ރައީސް ވަހީދު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އެޕްސްޓީންއާ އެކު ބޭއްވި ގާތް ގުޅުމުގެ ތަފްސީލުތައް އާންމުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ހިއްސާ ކުރައްވާ!