އެޕްސްޓައިން ރައީސް ޕޫޓިންއާ ބައްދަލުކުރުމުގެ އެދުމެއް ކްރެމްލިންއަށް ލިބިފައިނުވާކަމަށް ޕެސްކޯވް ވިދާޅުވެއްޖެ

ޖެފްރީ އެޕްސްޓައިންގެ ފަރާތުން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ބައްދަލުކުރުމަށް އެއްވެސް އިރެއްގައި އެދިފައިނުވާކަމަށް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެއެވެ. ޕެސްކޯވް މިހެން ވިދާޅުވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަލަށް އާންމުކުރި އެޕްސްޓީންއާ ބެހޭ ލިޔެކިޔުންތަކާ ހަވާލާދީ ހުޅަނގުގެ މީޑިއާން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކައުންސިލް އޮފް ޔޫރަޕްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ތޯބްޖޯން ޖެގްލޭންޑާ އެކު ކުރި މުއާމަލާތްތަކުގައި، ރައީސް ޕޫޓިންއާ ބައްދަލުކުރުމުގެ ޝައުގުވެރިކަން އެޕްސްޓައިން ފާޅުކޮށްފައިވެއެވެ. ނަމަވެސް ޕެސްކޯވް ވަނީ މި ވާހަކަތައް ދޮގުކުރައްވައި، އެފަދަ އެއްވެސް ހުށަހެޅުމެއް ކްރެމްލިންއާ ހަމައަށް ފޯރާފައިނުވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މި މައުލޫމާތުތައް ހާމަވެފައިވަނީ އެމެރިކާގައި ދާދި ފަހުން އާންމުކުރި އެޕްސްޓައިންގެ ފައިލްތަކުގެ ތެރެއިންނެވެ. މި ލިޔެކިޔުންތަކުގައި ހުޅަނގުގެ ސިޔާސީ އިސްވެރިންނާއި، ޝާހީ އާއިލާތަކުގެ ބޭފުޅުންގެ އިތުރުން މަޝްހޫރު ވިޔަފާވެރިންނާއި ފަންނާނުންގެ ނަންތައް ހިމެނިފައިވުމުން ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިހާތަނަށް އާންމުކުރި އެއްވެސް ލިޔުމެއްގައި ރަޝިޔާ، އީރާން ނުވަތަ ޗައިނާގެ އެއްވެސް އޮފިޝަލެއްގެ ނަން ހިމެނިފައެއް ނުވެއެވެ. މިއީ ހުޅަނގުގެ ގިނަ ބައެއްގެ ނަންތައް ހިމެނިފައިވާ ފައިލްތަކެއް ކަމަށްވާއިރު، ރަޝިޔާގެ އޮފިޝަލުންގެ ނަން ނެތުމުން، މޮސްކޯއާ އެޕްސްޓައިންގެ ހަރަކާތްތަކާ ގުޅުވަން ކުރާ މަސައްކަތުގައި އެއްވެސް ހަގީގަތެއް ނެތްކަން ހާމަވާކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން 'އެޕްސްޓައިން ޓްރާންސްޕޭރެންސީ އެކްޓް' ގެ ދަށުން މި ތަކެތި އާންމުކުރަމުންދާއިރު، މީގެ ތެރޭގައި އެތައް މިލިއަން ސަފުހާއެއްގެ އީމެއިލްތަކާއި ވީޑިއޯ ރެކޯޑިންގްތައް ހިމެނެއެވެ. ނަމަވެސް، މީގެ ތެރޭގައި ހިމެނޭ ބައެއް މައުލޫމާތުތަކަކީ ކަށަވަރުނުވާ ނުވަތަ އޮޅުވާލުންތަކެއް އެކުލެވޭ މައުލޫމާތުތަކަކަށް ވެދާނެކަމުގެ އިންޒާރު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މިހާ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހުރި ނަމަވެސް، ރަޝިޔާގެ ލީޑަރޝިޕާ ނުވަތަ އެ ގައުމުގެ މުއައްސަސާއަކާ އެޕްސްޓައިންއާ ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. ޕެސްކޯވް ވިދާޅުވީ ކްރެމްލިންއިން މިފަދަ ރިޕޯޓްތައް ބަލަނީ އެއްވެސް ހަގީގަތެއް ނެތް، ހީގެ މައްޗަށް ބިނާކޮށް ފަތުރާ ވާހަކަތަކެއްގެ ގޮތުގައި ކަމަށެވެ.

ހިއްސާ ކުރައްވާ!