އެލަޔަންސް އޮފް ސަހެލް ސްޓޭޓްސްއަށް ކޮމިއުނިކޭޝަން ސެޓެލައިޓެއް އުފައްދައިދިނުމަށް ރަޝިޔާއިން ދިރާސާކުރަނީ

އެލަޔަންސް އޮފް ސަހެލް ސްޓޭޓްސް (އޭ.އީ.އެސް) ގެ ގައުމުތަކަށް ޚާއްސަ ކޮމިއުނިކޭޝަން ސެޓެލައިޓެއް ފޮނުވުމާ ގުޅޭގޮތުން ރަޝިޔާއިން ދިރާސާކުރަން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ބުރުކީނާ ފާސޯގައި ހުންނަ ރަޝިޔާގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ.

މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ޖެނުއަރީ 21 ވަނަ ދުވަހު ބުރުކީނާ ފާސޯގެ ބޮޑުވަޒީރު ރިމްޓަލްބާ ޖީން އިމަނުއަލް އޮއެޑްރައޯގޯ އާއި ރަޝިޔާގެ ސަފީރު އިގޯ މާޓިނޯވް އަދި ރަޝިޔާގެ އެސްޓްރޮނޯޓް އެލެގްޒެންޑަރ ގޮރްބުނޯވް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ފަޒާގެ އިލްމު އުނގަންނައިދިނުމާއި، ރަޝިޔާގެ ޖައްވީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބުރުކީނާ ފާސޯގެ ދިފާއީ ކަންކަން ވަރުގަދަކުރުމާ ގުޅޭގޮތުންވެސް ވަނީ ވާހަކަދެކެވިފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާންތަކުގައި، ޚާއްސަކޮށް އދ. ގައި، ފަޒާގެ ސަރަހައްދު ހަތިޔާރު އެޅި ތަނަކަށް ހެދުން ހުއްޓުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ. މި ބައްދަލުވުމުގެ ތެރެއިން، ރަޝިޔާގެ އެސްޓްރޮނޯޓް ވަނީ ބުރުކީނާ ފާސޯގެ ބޮޑުވަޒީރަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި، ބައިނަލްއަގުވާމީ ޖައްވީ މަރުކަޒުގައި 180 ދުވަސް ވަންދެން ބޭއްވި އެ ގައުމުގެ ދިދައެއް އަރުވާފައެވެ.

އެލަޔަންސް އޮފް ސަހެލް ސްޓޭޓްސް އަކީ ސެޕްޓެމްބަރު 2023 ގައި ބުރުކީނާ ފާސޯ، މާލީ އަދި ނައިޖަރު ގުޅިގެން އުފެއްދި އިއްތިހާދެކެވެ. މި އިއްތިހާދުގެ މަގްސަދަކީ ސަލާމަތީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން އެ ގައުމުތަކުގެ މިނިވަންކަން ކަށަވަރުކުރުމެވެ. ޖުލައި 2024 ގައި މި އިއްތިހާދު ވަނީ ކޮންފެޑެރޭޝަނަކަށް ބަދަލުކޮށް، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްފައެވެ.

ހިއްސާ ކުރައްވާ!