ޢަރަބި އަދި ރަޝިޔާގެ މީޑިއާގެ ގުޅުން ބަދަހިކުރުމަށް އެޅުނު އާ ފިޔަވަޅެއްގެ ގޮތުން، ރަޝިޔާގެ ޓީވީ ޗެނަލް 'އާރްޓީ އެރަބިކް' އާއި ފަލަސްތީނުގެ ޕަބްލިކް ބްރޯޑްކާސްޓިން ކޯޕަރޭޝަނާ ދެމެދު މީޑިއާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ އާރްޓީގެ މައި މަރުކަޒުގައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ރަޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށް، ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓަރު އަދި ރަސްމީ މީޑިއާގެ ސުޕަވައިޒަރު ޖެނެރަލް އަޙްމަދު އައްސާފް އާއި އާރްޓީ އެރަބިކްގެ ޑައިރެކްޓަރު މާޔާ މަންނާ އެވެ. މި އެއްބަސްވުމުގެ ދަށުން ޚަބަރު ބަދަލުކުރުމާއި، ގުޅިގެން ޕްރޮގްރާމްތައް އުފެއްދުމާއި، ނޫސްވެރިންނަށް ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޔާ މަންނާ ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ރަޝިޔާއިން ގެންގުޅޭ އިންސާފުވެރި ސިޔާސަތުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އާރްޓީ އެރަބިކަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ނޫސްވެރިންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންދާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލަސްތީނުގެ އިންފޮމޭޝަން މިނިސްޓަރު އަޙްމަދު އައްސާފް ވިދާޅުވީ، އިސްރާއީލުން ހަގީގަތް ފޮރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ދެ އަހަރު ތެރޭގައި ފަލަސްތީނުގެ 260 ނޫސްވެރިން ޝަހީދު ކޮށްފައިވާ ކަމަށެވެ.
"މިއީ ފާއިތުވި 100 އަހަރު ތެރޭގައި ދުނިޔޭގެ ހުރިހާ ހަނގުރާމައެއްގައި މަރުވި ނޫސްވެރިންގެ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެއް،" އައްސާފް ވިދާޅުވިއެވެ. ނަމަވެސް ފަލަސްތީނުގެ ނޫސްވެރިންގެ ބުރަ މަސައްކަތުން ދުނިޔެއަށް ހަގީގަތް ހާމަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމަކީ ޢަރަބި ދުނިޔޭގެ މީޑިއާ މުއައްސަސާތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް، އާރްޓީ އެރަބިކްގެ މަގުބޫލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ސަބަބުން ޢަރަބި ބެލުންތެރިންނަށް ތަފާތު އަދި މިނިވަން މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.







