ޕްލާސްޓިކް ބޭނުންކޮށްގެން ވަރުގަދަ ތާރުގަނޑެއް ރަޝިއާގެ ސައިންސްވެރިން އުފައްދައިފި

ރަޝިއާގެ ނޯތު ކޯކަސަސް ފެޑަރަލް ޔުނިވަރސިޓީގެ ސައިންސްވެރިން، ވަނީ، އާންމުކޮށް އުކާލާ ޕްލާސްޓިކް ކުނި ބޭނުންކޮށްގެން މަގު ހެދުމަށް ބޭނުންކުރާ ތާރުގެ ފެންވަރު ރަނގަޅުކޮށް، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ އާ އުކުޅެއް ތައާރަފުކޮށްފައެވެ. މި އީޖާދުގެ ސަބަބުން ކުނި ގޮނޑުތަކަށް އުކާލާ ޕްލާސްޓިކްގެ މިންވަރު މަދުވެ، މަގުތަކުގެ އުމުރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަޝިއާގައި އަހަރަކު ގާތްގަނޑަކަށް 600،000 ޓަނުގެ ޕޮލީއީތައިލީން ޓެރެފްތަލޭޓް ޕެޓް ފުޅި އުފައްދާއިރު، މީގެ ތެރެއިން ރީސައިކަލް ކުރެވެނީ އެންމެ 30 އިންސައްތައެވެ. ބާކީ ހުންނަ ބައި އާންމުކޮށް އުކާލަނީ ކުނި ގޮނޑުތަކަށެވެ.

ސައިންސްވެރިން ހުށަހަޅަނީ މިފަދަ ޕްލާސްޓިކް ކުނި ކުދިކޮށް މުގުރާލުމަށްފަހު، ހޫނުކޮށްގެން ތާރު އެއްކުރާ މާއްދާ ނުވަތަ ބިޓުމަންގެ ތެރެއަށް 145 އާއި 155 ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި އެއްކުރުމަށެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވާ އިންޖިނިއަރިންގެ މާހިރު ދިމިތުރީ ފޮރޮބިއޯފް ވިދާޅުވި ގޮތުގައި، މި ޓެކްނޮލޮޖީއަކީ ތިމާވެއްޓާ ރައްޓެހި ރައްކާތެރި ގޮތެކެވެ.

"ކެމިކަލް އަދި ތާމަލް ބަދަލުތަކަށްފަހު ޕެޓް ޕްލާސްޓިކަކީ ތާރުގެ ބައެއްގެ ގޮތުގައި ހިމެނޭ އެއްޗެކެވެ. އެހެންކަމުން މަގު ބޭނުންކުރާއިރު ތިމާވެއްޓަށް އެއްވެސް ވިހަ މާއްދާއެއް މީގެން ބޭރެއް ނުވާނެއެވެ،" އޭނާ ވިދާޅުވިއެވެ.

ލެބޯޓްރީ ތަހުލީލުތަކުން ދައްކާގޮތުގައި މިގޮތަށް ތައްޔާރުކުރާ ތާރުގަނޑަކީ ގަދަ ހޫނުގައި އޭގެ ބައްޓަން ހިފަހައްޓައިދޭ އަދި ފިނި މޫސުމުގައި ރެނދުލުން ކުޑަކޮށްދޭ އެއްޗެކެވެ. އާންމު ތާރާ އަޅާބަލާއިރު، މި އާ ތާރުގަނޑުގެ ވަރުގަދަކަން 11 އިންސައްތައާއި 23 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވާއިރު، ތާރު ހިފަހައްޓައިދޭ ބާރު  7 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް ވަނީ މަތިވެފައެވެ.

މި ޕްރޮޖެކްޓްގެ ދެން އޮތް މަރުހަލާއަކީ އަމަލީ ގޮތުން މަގުތަކުގައި މި ތާރު ބޭނުންކޮށްގެން އޭގެ ދިގުދެމިގެންދާ މިންވަރު ބެލުމެވެ. މި ތަހުލީލުތަކަށްފަހު، މަގު ހަދާ ސިނާއަތަށް ބޭނުންވާ ފަންނީ އިރުޝާދުތަކާއި މިންގަނޑުތައް ސައިންސްވެރިންގެ ޓީމުން އެކުލަވާލާނެއެވެ.

ހިއްސާ ކުރައްވާ!