މިދިޔަ އޮކްޓޯބަރު މަހު ބެލްޖިއަމުން ރަޝިޔާގެ ގުދުރަތީ ގޭސް އެތެރެކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ދާދި ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު އެ ގައުމުން ގޭސް އެތެރެކުރި މިންވަރު ވަނީ ހަތަރު ގުނައަށް ވުރެ އިތުރުވެފައެވެ.
މި އިތުރުވުމާއެކު، ބެލްޖިއަމް މިހާރު ވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރަޝިޔާގެ ގޭސް އެންމެ ގިނައިން އެތެރެކުރާ ތިންވަނަ ގައުމަށެވެ. -ނޮވެމްބަރުގެ ހިސާބުތަކަށް ބަލާއިރު، ބެލްޖިއަމަށް ރަޝިޔާއިން ފޯރުކޮށްދިން ގޭހުގެ މިންވަރު ގާތްގަނޑަކަށް 4.3 ގުނަ އިތުރުވެ، އޭގެ އަގު ވަނީ 154.7 މިލިއަން ޔޫރޯއަށް އަރާފައެވެ.
ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން ރަޝިޔާގެ ގޭސް އެންމެ ގިނައިން ގަންނަ ގައުމުގެ ގޮތުގައި އަދިވެސް އޮތީ ހަންގޭރީއެވެ. ނަމަވެސް އެ ގައުމުން ގޭސް ގަތް މިންވަރު ވަނީ 232.2 މިލިއަން ޔޫރޯއިން 213.7 މިލިއަން ޔޫރޯއަށް ދަށްވެފައެވެ. ދެވަނައިގައި އޮތް ފްރާންސުން ގޭސް ގަތް މިންވަރު ވެސް ވަނީ 12 އިންސައްތަ ދަށްވެ، 162.3 މިލިއަން ޔޫރޯއަށް ތިރިވެފައެވެ.
ޔޫރަޕްގެ އިއްތިހާދުގެ އެހެން ގައުމުތަކަށް ބަލާއިރު، ގްރީސްއިން 91.9 މިލިއަން ޔޫރޯގެ ގޭސް އެތެރެކޮށްފައިވާއިރު، ބަލްގޭރިއާއިން 80.9 މިލިއަން ޔޫރޯ އަދި ނެދަލޭންޑްސްއިން 76.2 މިލިއަން ޔޫރޯގެ ގޭސް ރަޝިޔާއިން ވަނީ ގަނެފައެވެ.







