އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތަކާ އެމްބިއުލާންސް ގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެ ރަށްރަށުގައި ހުރި އެކި މައްސަލަތައް ނޯޓު ކުރައްވަމުން ގެންދެވިކަމަށެވެ. އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ނިޒާމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން އާބާދީ ބެހިފައިވާގޮތުން ވެސް ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވުން ހިމެނޭއިރު ބައެއް ރަށްތަކުގައި އެމްބިއުލާންސް ލިބި އެހެންނަމަވެސް މެއިންޓަނަސް ނުކުރެވެވުމުގެ ސަބަބުން ހަލާކުވެފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ނާޒިމް ވިދާޅުވީ އެމްޕީއެލްއާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެ އެމްބިއުލާންސްތައް މެއިންޓެނެން ސްކުރުމުގެ އެންމެހާ މަސަައްކަތް ވެސް އެމްޕީއެލްއިން ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ. 56 އެމްބިއުލާންސް ގެނައުމުގެ މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން މިދިޔަ އަހަރު ހަވާލު ކުރެވުނު މަސައްކަތެކެވެ.
މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.
މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
މިކަމަށް ހައްލު ހޯދުމުގެ ގޮތުން ރައީސް މުއިއްޒު ސިޔާސަތުތަކެއް ކަނޑައަޅައި އެމްބިއުލާންސް ބޭނުންވާ ތަންތަނަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެއްޓެވިކަމަށް ވިދާޅުވިއެވެ.
އެގޮތުން މިނިސްޓްރީއާއި އެމްޕީއެލްއާއި އެ މަސައްކަތް ހަވާލުކޮށް މި މަސައްކަތުގެ ފުރަތަމަ 56 އެމްބިއުލާންސް ރަށްތަކާ ހަވާލު ކުރެވިގެން ދިޔުމަކީ ރައީސް އެކަމަށް ދެއްވާ އަހަންމިޔަތުކަން ހާމަވެގެންދާ ކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

