ޗައިނާގެ މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ރޮބޮޓްތައް ނެރެފި

ޗައިނާގެ އިރުމަތީ އަންހުއީ ޕްރޮވިންސްގެ ވޫހޫ ސިޓީގެ މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމަށާއި ސަލާމަތީ އިންޒާރުތައް ދިނުމަށް އިންސާނުންނާ ވައްތަރުގެ ރޮބޮޓްތައް ބޭނުންކުރަން ފަށައިފިއެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އާންމު ޚިދުމަތްތައް މެނޭޖްކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި އާ ފިޔަވަޅެކެވެ.

"އިންޓެލިޖެންޓް ޕޮލިސް ޔުނިޓް އާރް001 ގެ ނަމުން ނަންދީފައިވާ މި ރޮބޮޓްތައް ތިބެނީ ފުލުހުންގެ ޔުނިފޯމާއި އަލި އެޅުމުން ދިއްލޭ ރިފްލެކްޓިވް ވެސްޓް އަޅައިގެންނެވެ. ދުރުން ބަލާއިރު އިންސާނަކާ ވައްތަރު މި ރޮބޮޓްތަކުގެ ސަބަބުން މަގުމަތިން ހިނގާބިނގާވާ މީހުންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ.

ވޫހޫގެ ޓްރެފިކް އޮފިސަރެއް ކަމަށްވާ ޖިއާންގް ޒީހާއޯ ބުނި ގޮތުގައި، މި ރޮބޮޓަކީ މިހާރުވެސް ވަރަށް ބޭނުންތެރި އެހީތެރިއެކެވެ. ސިޓީގެ ޓްރެފިކް ސިގްނަލް ސިސްޓަމާ ގުޅާލެވިފައިވާ މި ރޮބޮޓްތަކުން، ޓްރެފިކް ބޮކިތަކަށް އަންނަ ބަދަލާ އެއްގޮތަށް އަތުން އިޝާރާތްތައް ކުރަމުންދެއެވެ. އަދި ގަވާއިދާ ހިލާފުވާ މީހުންނަށް އަޑުން އިންޒާރު ދިނުމުގެ ގާބިލުކަންވެސް މި ރޮބޮޓަށް ލިބިގެންވެއެވެ.

މި ރޮބޮޓްތަކުގައި ހައި-ޑެފިނިޝަން ކެމެރާތަކާއި އިންޓެލިޖެންޓް ބްރޯޑްކާސްޓިންގް ސިސްޓަމްތައް ހަރުކޮށްފައިވެއެވެ. އޭއައި އެލްގޮރިޒަމް ބޭނުންކޮށްގެން މަގުމަތީގެ ގަވާއިދާ ޚިލާފުވާ އުޅަނދުތަކާއި މީހުން ދެނެގަނެ، ވަގުތުން އިންޒާރު ދިނުމުގެ އިތުރުން، މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައްވެސް މި ރޮބޮޓްތަކަށް ދެނެގަނެވޭނެއެވެ.

ޖިއާންގް އިތުރަށް ފާހަގަކުރި ގޮތުގައި، މި ރޮބޮޓްތަކަކީ 24 ގަޑިއިރު މެދުނުކެނޑި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި އެއްޗެހި ކަމަށްވުމުން، މޫސުން ގޯސްވާ ވަގުތުތަކުގައާއި ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި ފުލުހުންގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލްގެ ރިޕޯޓަކުން ދައްކާ ގޮތުގައި، މިފަދަ އޭއައި ރޮބޮޓް އުފައްދާ ސިނާއަތުގެ އަގު 2030 ވަނަ އަހަރާ ހަމައަށް 400 ބިލިއަން ޔުއާން (ގާތްގަނޑަކަށް 57.4 ބިލިއަން ޑޮލަރު) އަށް އަރާނެއެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް ދާއިރު މިއީ 1 ޓްރިލިއަން ޔުއާންގެ ސިނާއަތަކަށް ވާނެ ކަމަށް ލަފާކުރެވެއެވެ.

މި ރޮބޮޓް އުފެއްދި އައިމޯގާ ރޮބޮޓިކްސްގެ ޖެނެރަލް މެނޭޖަރު ޒަންގް ގުއިބިންގް ވިދާޅުވީ، އެކުންފުނީގެ އުފެއްދުންތައް މިހާރުވެސް 100 އަށްވުރެ ގިނަ ދާއިރާތަކުގައި ބޭނުންކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސެކިއުރިޓީ ބެލެހެއްޓުމާއި އާންމު އިދާރާތަކުގެ ހިދުމަތްތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް