މޮސްކޯގެ ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރުމަށް އައު އިލެކްޓްރިކް ކާރުތަކެއް ހޯދައިފި

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ޕަބްލިކް ޓްރާންސްޕޯޓް ކުންފުނި ކަމަށްވާ "މޮސްގޯޓްރާންސް" އިން، ރަޝިޔާގައި  އުފައްދާފައިވާ ލާޑާ އީ ލާގަސް މޮޑެލްގެ އިލެކްޓްރިކް ކާރުތަކެއް އެ ކުންފުނީގެ ފްލީޓަށް އިތުރުކޮށްފިއެވެ. މިއީ މޮސްކޯގެ ދަތުރުފަތުރުގެ ނިޒާމު ތިމާވެއްޓާ ރައްޓެހި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މޮސްކޯގެ ޑެޕިއުޓީ މޭޔަރު މަކްސިމް ލިކްސޫޓޯވްގެ އިސްނެންގެވުމުގެ މަތިން ހޯދި މި ބެޗުގައި ޖުމްލަ 33 ކާރު ހިމެނެއެވެ. މީގެ ތެރޭގައި މީހުން އުފުލުމަށާއި މުދާ އުފުލުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތައް ހިމެނެއެވެ. ރަޝިޔާގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި އެވްޓޯ ވޭޒް އިން އުފައްދާފައިވާ މި ކާރުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޮސްކޯގެ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗާ މަރާމާތުކުރުމަށާއި ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންނާއި ސާމާނު އުފުލުމަށެވެ.

އޭވޯ ވޭޒް ގެ ރައީސް މަކްސިމް ސޮކޮލޯވް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ އިލެކްޓްރިކް ކާރު އުފެއްދުން އިތުރަށް ފުޅާކުރުމެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަޝިޔާގެ އަމިއްލަ ސެކްޓަރަށް ވެސް ގިނަ އަދަދެއްގެ އީ ލާގަސް ކާރުތައް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.  މި ކާރުތަކުގައި ބޭނުންކޮށްފައިވަނީ މުޅިންވެސް ރަޝިޔާގައި އުފައްދާފައިވާ ބެޓެރިތަކެވެ.

މި އައު އިލެކްޓްރިކް ކާރުތަކުގެ ފަންނީ ތަފްސީލަށް ބަލާއިރު، މީހުން އުފުލާ ކާރުތަކުގެ ފަހަތުގައި 560 ލިޓަރުގެ މުދާ ބެހެއްޓޭނެ ޖާގަ ހުރެއެވެ. އަދި މުދާ އުފުލުމަށް ޚާއްސަ ކާރުތަކުގައި 2540 ލިޓަރުގެ ޖާގަ ހުންނައިރު، 500 ކިލޯގްރާމްގެ ބަރުދަން އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ. މި އުޅަނދުތަކަކީ 10 ސިކުންތަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ސުމަކުން 100 ކިލޯމީޓަރުގެ ބާރުމިނަށް ދުއްވާލެވޭ، އަދި ގަޑިއަކު 145 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.

މީގެ އިތުރުން، މި ކާރުތަކުގައި އޮޓޮމެޓިކް ގިއަރު ސިސްޓަމަކާއި، ތަފާތު މަގުތަކަށް އެކަށޭނެ ޑްރައިވިންގ ސިސްޓަމްތައް ހިމެނެއެވެ. އަދި ޑްރައިވަރަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކާއި ބެޓެރީގެ ޗާޖު ހުރި މިންވަރު ދައްކައިދޭ ޑިޖިޓަލް ސްކްރީންތައް ވެސް މި ކާރުތަކުގައި ވަނީ ހަރުކުރެވިފައެވެ.

ހިއްސާ ކުރައްވާ!