ވޯލްޑް ކެޓް ފެޑެރޭޝަނުން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ރީތި ބުޅަލުގެ މަގާމު، ރަޝިޔާގެ އެބިސީނިއަން ނަސްލުގެ ބުޅަލެއް ހޯދައިފިއެވެ. އުމުރުން އެންމެ އަހަރެއްގެ މި ބުޅަލަށް މި ލަގަބު ލިބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެތައް ބުޅަލަކާ ވާދަކޮށްގެންނެވެ.
މި މުބާރާތުގެ ނަތީޖާ ދައްކާގޮތުން، އެއްވަނަ ހޯދި މި ބުޅަލަށް ޖުމްލަ 19.7 ހާސް ޕޮއިންޓް ލިބިފައިވެއެވެ. މިއީ ދެވަނައަށް ދިޔަ ތައިލެންޑުގެ ސްކޮޓިޝް ފޯލްޑް ނަސްލުގެ ބުޅަލަށްވުރެ 1.5 ހާސް ޕޮއިންޓް އިތުރު އަދަދެކެވެ. ދެވަނައަށް ދިޔަ ބުޅަލަށް ލިބިފައިވަނީ 18.5 ހާސް ޕޮއިންޓެވެ. މި ބޮޑު ކާމިޔާބީއާއެކު، ރަޝިޔާގެ 'ރޮސްކޯޝް' ކްލަބަށް ނިސްބަތްވާ މި ބުޅާ ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.
ހަބުޝް ކަރައިގެ އެބިސީނިއަން ނަސްލަކީ 1882 ވަނަ އަހަރުން ފެށިގެން މަޝްހޫރުވެފައިވާ، ހަށިގަނޑު ރީތި އަދި ހަލުވި ނަސްލެކެވެ. މި ނަސްލުގެ ބުޅަލުގެ ބަރުދަނުގައި އާންމުގޮތެއްގައި 3 އާއި 7.5 ކިލޯ ހުންނައިރު، މިއީ ވަރަށް ކުޅޭހިތްވާ އަދި އިންސާނުންނާ ގާތް ގުޅުމެއް ބާއްވާ ބުޅަލެކެވެ. މީގެ އިތުރުން، މި ބުޅާތަކަކީ އެކަނިވެރިކަން ތަހައްމަލުކުރަން އުނދަގޫ، އަދި ވަރަށް އަވަހަށް ކަންކަން ދަސްކުރާ ބުޅަލުގެ ބާވަތެކެވެ.

ވޯލްޑް ކެޓް ފެޑެރޭޝަނަކީ 1988 ވަނަ އަހަރު ބްރެޒިލްގައި އުފެދުނު ޖަމިއްޔާއެކެވެ. މިހާރު ދުނިޔޭގެ 280 އަށްވުރެ ގިނަ ޖަމިއްޔާއާ ގުޅިގެން މަސައްކަތްކުރާ މި ފެޑެރޭޝަނުން އަންނަނީ ބުޅަލުގެ ރައްކާތެރިކަމާއި، ބުޅާ ގެންގުޅުމުގެ މިންގަނޑުތައް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މި ނަސްލުގެ ބުޅަލެއްގެ އަގު ރަޝިޔާގެ ބާޒާރުގައި އާންމުކޮށް އުޅެނީ 15،000 އާއި 100،000 ރޫބަލްއާ ދެމެދުގައެވެ. ނަމަވެސް، މޮސްކޯ ފަދަ ބޮޑެތި ސިޓީތަކުގައި މި އަގު 180،000 ރޫބަލްއަށްވުރެ މައްޗަށް އަރައެވެ. މި ބުޅާތަކަކީ އާންމުގޮތެއްގައި 12 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ދިރިއުޅޭ ބުޅަލެކެވެ.








