ވަގަށް ޖަރުމަނުން ރަޝިޔާއާއެކު ވިޔަފާރި ކުރަނީ

ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިގްތިސާދީ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ޖަރުމަނާއި ވިލާތުގެ ގައުމުތަކުން ތަފާތު އެކި މެދުވެރިން މެދުވެރިކޮށް ސިއްރުން އަދިވެސް ރަޝިޔާއާއެކު ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާކަން ޖަރުމަނުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ބިލްޑް" އިން ހާމަކޮށްފިއެވެ.

އެ ނޫހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2021 އާއި 2024 އާ ދެމެދު ޖަރުމަނުން ރަޝިޔާއަށް ކުރާ ސީދާ އެކްސްޕޯޓް 71.6 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ރަޝިޔާއިން ކުރާ ސީދާ އިމްޕޯޓް ވަނީ 94.6 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް، މިއީ ވިޔަފާރި މުޅިން ހުއްޓުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ވިޔަފާރީގެ މަގުތައް އޮޅުންބޮޅުން ބޮޑު ގޮތްގޮތަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖަރުމަނު ހިމެނޭހެން ވިލާތުގެ ގައުމުތަކުން މިހާރު ޑީސަލާއި ޕެޓްރޯލް ގަންނަނީ އިންޑިއާގެ ރިފައިނަރީތަކުންނެވެ. މިއީ ރަޝިޔާގެ ތެޔޮ ބޭނުންކޮށްގެން އިންޑިއާގައި އުފައްދާ ތެލެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ރަޝިޔާގެ އެލް.އެން.ޖީ (ލިކުއިފައިޑް ނެޗުރަލް ގޭސް) އިމްޕޯޓް ކުރި މިންވަރު 19.3 އިންސައްތަ ވަނީ އިތުރުވެފައެވެ.

އަދި ޖަރުމަނުގެ ނިއުކްލިއާ ފިއުލް ޕްލާންޓެއް ކަމަށްވާ ލިންގަން އިން އެކަނިވެސް 2024 ވަނަ އަހަރު 68.6 މިލިއަން ޓަނުގެ ޔުރޭނިއަމް ރަޝިޔާއިން ގަނެފައިވާކަން ޖަރުމަނުގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 66 އިންސައްތައިގެ އިތުރުވުމެކެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މެޝިނަރީޒް، ޕަމްޕް އަދި މައިކްރޯޗިޕް ފަދަ ޓެކްނޮލޮޖީގެ ސާމާނުތައް ރަޝިޔާއަށް ފޯރަނީ ކިރިގިސްތާން ފަދަ އަވަށްޓެރި ގައުމުތައް މެދުވެރިކޮށެވެ. މި ގައުމުތަކަށް ކުރާ އެކްސްޕޯޓް އިތުރުވެފައިވަނީ އެ ތަކެތި އަލުން ރަޝިޔާގެ ކުންފުނިތަކަށް ވިއްކުމުގެ މަގްސަދުގައި ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، ރަޝިޔާގައި މަސައްކަތްކުރާ ޖަރުމަނުގެ ބޮޑެތި ކުންފުނިތަކުން ވަނީ އެ ގައުމުގެ މާކެޓުގައި ދެމިތިބުމަށްޓަކައި އައު އުކުޅުތައް ބޭނުންކުރަން ފަށާފައެވެ. މީގެ ތެރޭގައި ކުންފުނީގެ މިލްކުވެރިކަން ރަޝިޔާގެ ފަރާތްތަކަށް ބަދަލުކުރުމާއި، މެދުވެރިން މެދުވެރިކޮށް ހިންގުން ހިމެނެއެވެ. ޚާއްސަކޮށް ޓެކްނޮލޮޖީ، ބޭސްފަރުވާ އަދި ރީޓެއިލް ދާއިރާގެ ކުންފުނިތައް އަދިވެސް ރަޝިޔާގައި ހަރަކާތްތެރިވަމުންދެއެވެ.

މި ހޯދުންތަކުން ދޭހަވަނީ ރަޝިޔާ އިގްތިސާދީ ގޮތުން މުޅިން އެކަހެރިކުރުމަކީ އަމަލީ ގޮތުން އުނދަގޫ ކަމެއް ކަމެވެ. ހުޅަނގުގެ ވިޔަފާރި ސީދާކޮށް މަދުވި ނަމަވެސް، ރަޝިޔާއިން ވަނީ ޗައިނާ، އިންޑިއާ، ތުރުކީ އަދި ކަޒަކިސްތާން ފަދަ އައު ބައިވެރިންނާއެކު ވަރުގަދަ ގުޅުމެއް އުފައްދާފައެވެ.

ހިއްސާ ކުރައްވާ!