ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީން ލެނިންގްރާޑް ހިސާރުކޮށްގެން ތިބި ތިބުން ސޯވިއެޓް ސިފައިން ނިމުމަކަށްގެނައިތާ 82 އަހަރު ފުރުމުގެ މުނާސަބަތުގައި، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ސެއިންޓް ޕީޓަސްބާގް ކައިރީގައި ހުންނަ "ބައުންޑަރީ ސްޓޯން" ބިނާއަށް އިއްޔެ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ނެވްސްކީ ޕްޔަޓަޗޮކް މިލިޓަރީ-ހިސްޓޮރިކަލް ކޮމްޕްލެކްސްގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސް ޕޫޓިން ވަނީ އެ ސިޓީ ދިފާއުކުރުމުގައި ޝަހީދުވި އެތައް ހާސް ސޯވިއެޓް ސިފައިންގެ ހަނދާނުގައި ރަތް ފިނިފެންމަލުގެ މާ ބޮނޑިއެއް ބިނާގައި ބާއްވަވާފައެވެ. މި މާބޮނޑީގައި ކަޅު ކުލައިގެ ހިތާމައިގެ ރިބަނެއް އައްސާފައިވެއެވެ.
12 ސެޕްޓެމްބަރު 1972 ގައި ހުޅުވި މި ބިނާއަކީ ލެނިންގްރާޑްގެ ހިސާރު އުވާލުމަށް ކުރެވުނު ވަރުގަދަ ހަނގުރާމަތަކުގައި ފުރާނަ ދޫކޮށްލި 60،000 އަށްވުރެ ގިނަ ސިފައިންގެ ހަނދާނުގައި ބިނާކޮށްފައިވާ ތަނެކެވެ. ނޭވާ ކޯރުގެ އަތިރީގައި އޮންނަ ނެވްސްކީ ޕްޔަޓަޗޮކް އަކީ ލެނިންގްރާޑް ހަނގުރާމައިގައި ސޯވިއެޓް ސިފައިން ދެއްކި ސާބިތުކަމުގެ މުހިންމު ރަމްޒެކެވެ.
ލެނިންގްރާޑްގެ ހިސާރު ފެށުނީ 8 ސެޕްޓެމްބަރު 1941 ގައެވެ. ގާތްގަނޑަކަށް 900 ދުވަހަށް ދެމިގެންދިޔަ މި ހިސާރުގެ ބައެއް 18 ޖެނުއަރީ 1943 ގައި މިނިވަންކުރެވުނު އިރު، މުޅި ސިޓީ އެއްކޮށް މިނިވަންކުރެވުނީ 27 ޖެނުއަރީ 1944 ގައެވެ.
ތާރީޚީ ހިސާބުތަކުން ދައްކާ ގޮތުގައި މި ހިސާރުގެ ތެރޭގައި 400،000 އާއި 1.5 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ހަނގުރާމައިގެ ހަމަލާތަކުގެ ސަބަބުންނަށްވުރެ ބޮޑަށް، ބަނޑުހައިހޫނުކަމުގެ ސަބަބުންކަން ފާހަގަކުރެވެއެވެ.







