ދުނިޔޭގެ އަސްކަރީ ބާރުގަދަ ގައުމުތަކުގެ ރޭންކިންގެ ދެވަނަ ރަޝިޔާއަށް

ދުނިޔޭގެ އަސްކަރީ ބާރުތައް ދިރާސާކުރާ ޕްލެޓްފޯމެއް ކަމަށްވާ ގްލޯބަލް ފަޔަރޕަވަރއިން އާންމުކުރި 2026 ވަނަ އަހަރުގެ ރޭންކިންގައި، ދުނިޔޭގެ ދެވަނައަށް އެންމެ އަސްކަރީ ބާރުގަދަ ގައުމުގެ މަގާމު ރަޝިޔާއިން ދަމަހައްޓައިފިއެވެ. ޖުމްލަ 145 ގައުމެއް ހިމަނައިގެން ތައްޔާރުކުރި މި ރޭންކިންގެ އެއްވަނައިގައި އެމެރިކާ އޮތްއިރު، ތިންވަނައިގައި އޮތީ ޗައިނާއެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަޝިޔާގެ އަސްކަރީ ބާރުގެ މައިގަނޑު އަސާސަކީ އެގައުމުގެ ސިފައިންގެ އަދަދާއި، ދިފާއީ ސިނާއަތުގެ ވަރުގަދަކަމުގެ އިތުރުން ސްޓްރެޓީޖިކް ނިއުކްލިއާ ގާބިލުކަމެވެ. ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް، ރަޝިޔާއިން ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 3 އަސްކަރީ ބާރުގެ ތެރޭގައި ހިމެނިފައެވެ.

ކަނޑުގެ ސިފައިންގެ ބާރުވެރިކަމަށް ބަލާއިރު، ރަޝިޔާ އޮތީ ދުނިޔޭގެ ތިންވަނައިގައެވެ. މިއީ އެގައުމުގެ ކަނޑުގެ އުޅަނދުފަހަރުގެ ބަރުދަނާއި (ޓަނޭޖް) ވަސީލަތްތަކަށް ބަލައި ދީފައިވާ ރޭންކިންއެކެވެ. މި ދާއިރާއިން ރަޝިޔާގެ ކުރީގައި އޮތީ އެމެރިކާއާއި ޗައިނާއެވެ. މީގެ ތެރޭގައި ރަޝިޔާގެ ސަބްމެރިންތަކާއި ޒަމާނީ ހަނގުރާމަމަތީ އުޅަނދުފަހަރު މުހިންމު ދައުރެއް އަދާކުރެއެވެ.

އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ  (19 ވަނަ)އަށް މިސްރެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ 25 ވަނައިގައި، އަލްޖީރިއާ 27 ވަނައިގައި އަދި އިރާގު 44 ވަނައިގައި ހިމެނެއެވެ. ސަރަހައްދީ އެހެން ބާރުތަކަށް ބަލާއިރު އިޒްރޭލު 15 ވަނައިގައި އަދި އީރާން 16 ވަނައިގައި އޮތްއިރު، މިއީ އެ ގައުމުތަކުން އަސްކަރިއްޔާއަށް ކުރާ ބޮޑެތި ހޭދަތައް ހާމަކޮށްދޭ ކަމެކެވެ.

ގްލޯބަލް ފަޔަރޕަވަރ އިން މި ރޭންކިންގ ކަނޑައެޅުމުގައި 60 އަށްވުރެ ގިނަ ކަންކަމަށް ރިއާޔަތްކުރެއެވެ. އޭގެ ތެރޭގައި ހަމައެކަނި ހަތިޔާރުގެ އަދަދަށް ބެލުމުގެ ބަދަލުގައި، ގައުމުގެ އިގްތިސާދީ ހާލަތާއި، ޖިއޮގްރަފީ، ލޮޖިސްޓިކްސް ގާބިލުކަން، ސިނާއީ އުފެއްދުންތެރިކަން އަދި ޓެކްނޮލޮޖީގެ ކުރިއެރުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!