ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ރަޝިޔާއިން، 2025 ވަނަ އަހަރުވެސް ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮދަން ބޭރުކުރި ގައުމުގެ މަގާމު ދަމަހައްޓައިފިއެވެ. ރަޝިޔާގެ އެގްރިކަލްޗަރ މިނިސްޓަރ އޮކްސާނާ ލުޓް ހާމަކުރެއްވި ގޮތުގައި، ނިމިދިޔަ އަހަރު އެގައުމުން ވަނީ 41 މިލިއަން ޓަނުގެ ގޯދުމަށް ބޭރު ދުނިޔެއަށް ފޮނުވާފައެވެ.
ދުބާއީގައި ކުރިއަށްދާ ގަލްފްފުޑް 2026 މައުރަޒުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރަޝިޔާއިން ބޭރުކުރި ގޮވާމުގެ ޖުމްލަ އަދަދު 50 މިލިއަން ޓަނަށް އަރާފައިވާ ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ގޮދަން ކަމަށެވެ. މިއީ ރަޝިޔާގެ ދަނޑުވެރިކަމުގެ ސިނާއަތާއި ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރ އަށް ގެނެވުނު ޒަމާނީ ބަދަލުތަކުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ލުޓް އިތުރަށް ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރު ރަޝިޔާގެ އެކްސްޕޯޓް ގާބިލްކަން މިއަށްވުރެ އިތުރުވާނެއެވެ. އެގޮތުން މިއަހަރު 55 މިލިއަން ޓަނުގެ ގޮވާން ބޭރުގެ ބާޒާރުތަކަށް ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިއީ ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއެކުވެސް ބައިނަލްއަގުވާމީ ޑިމާންޑް ފުއްދައިދިނުމަށް މޮސްކޯއިން ވފައިވާ ތައްޔާރީ ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހު ރަޝިޔާއިން ވަނީ ދުނިޔޭގެ 115 ގައުމަކާއެކު ގޮވާން ފޯރުކޮށްދިނުމުގެ ގުޅުން ދަމަހައްޓާފައެވެ. ރަޝިޔާއިން ބޭރުކުރާ ގޮދަނުގެ ގާތްގަނޑަކަށް 78 އިންސައްތަ ފޮނުވަނީ އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކަށެވެ. މި ސަރަހައްދުތަކުން ރަޝިޔާގެ އުފެއްދުންތަކަށް ބަރޯސާވާ މައިގަނޑު ސަބަބަކީ އަގު ހެޔޮވުމާއި ކޮލިޓީ ހިފެހެއްޓިފައި ހުރުމެވެ.
2025 ވަނަ އަހަރު ރަޝިޔާގެ ދަނޑުވެރިން ވަނީ ޖުމްލަ 140 މިލިއަން ޓަނުގެ ގޮވާން އިންދާފައެވެ. މީގެ ތެރޭގައި 91 މިލިއަން ޓަނުގެ ގޮދަން ހިމެނެއެވެ. މި ވަރުގަދަ އުފެއްދުންތެރިކަމަކީ ރަޝިޔާގެ އެކްސްޕޯޓް ސިނާއަތުގެ މައިބަދައެވެ.
ރަޝިޔާގެ މި ކާމިޔާބީގެ ފަހަތުގައިވަނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީއަށް ކުރި ދިގުމުއްދަތުގެ އިންވެސްޓްމަންޓްތަކާއި، ބަނދަރުތަކާއި ރޭލްވޭގެ ނިޒާމު ފުޅާކުރުމެވެ. މީގެ އިތުރުން ގިނަ ގައުމުތަކެއްގެ އިތުބާރު ހޯދުމާއި، ބޮޑު މިންވަރަކަށް އުފެއްދުންތެރިކަން އިތުރުކޮށް އަގުތައް ވާދަވެރިކޮށް ހިފެހެއްޓުން ހިމެނެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗެއިންގައި ރަޝިޔާގެ ނުފޫޒު ވަނީ އިތުރަށް ވަރުގަދަވެފައެވެ.







