ޣައްޒާ އާބާދުކުރުމަށް ރަޝިޔާގެ ފްރީޒްކޮށްފައިވާ 1 ބިލިއަން ޑޮލަރު

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ އެމެރިކާގައި ހިފަހައްޓާފައިވާ ރަޝިޔާގެ ފައިސާ ޣައްޒާގެ އިންސާނީ އެހީއަށާއި އާބާދުކުރުމުގެ މަސައްކަތަށް ބޭނުންކުރުމުގެ މުހިންމު ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ. މިކަން ހާމަކުރެއްވީ ކްރެމްލިންގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ޕޫޓިން ވިދާޅުވީ، އަލަށް އުފެއްދި "ޕީސް ކައުންސިލް" މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް 1 ބިލިއަން ޑޮލަރު ދިނުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް މި ފައިސާއަކީ އެމެރިކާގެ ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ އިސްވެރިންނާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި، މިއަދުގެ ވަގުތެއްގައި މޮސްކޯގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވާފައިވާ މި "ޕީސް ކައުންސިލް" އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ލީޑަރުން ހިމެނޭ ގޮތަށް، ޣައްޒާގެ މައްސަލައަށް ހައްލެއް ހޯދުމަށް އުފައްދާފައިވާ އިދާރާއެކެވެ. މި ކައުންސިލްގެ އެއްބަސްވުމުގައި ސްވިޒަލޭންޑްގެ ދާވޯސްގައި ވަނީ ސޮއިކޮށްފައެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މިއީ މިހާތަނަށް އުފެދޭ އެންމެ މުހިންމު އެއް މުއައްސަސާއަށް ވެގެންދާނެއެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ސުލްހައަށް ރަޝިޔާއިން ގެންގުޅޭ ސިޔާސަތަކީ ވަގުތީ ފައިދާއަކަށް ބަލައިގެން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ފަލަސްޠީނުގެ މައްސަލައިގައި ރަޝިޔާ ދެމިއޮންނާނީ ބައިނަލްއަޤްވާމީ އިންސާފާއި ތާރީޚީ ޒިންމާގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރަޙައްދީ ބަދަލުތަކާ އެކުވެސް ބަދަލުނުވާނެ ސާބިތު އުސޫލެއްކަން ޕޫޓިން ފާހަގަކުރެއްވިއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ރަޝިޔާގެ މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. ދުނިޔޭގެ ސިޔާސީ މަސްރަޙު ބަދަލުވަމުންދާ ދަނޑިވަޅެއްގައި، މޮސްކޯއިން ފަލަސްޠީނާއެކު ސާބިތުކަމާއެކު އޮތުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ޢައްބާސް ސިފަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރި، އިޤްތިޞާދީ އަދި އިންސާނީ އެހީތެރިކަމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ލީޑަރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!