ރަޝިޔާގެ މުދާ ހިފެހެއްޓުމަކީ ހަނގުރާމައިގެ އަމަލެއް: ބެލްޖިއަމް

ޔޫރަޕަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ބައެއް ނޫން ކަމަށާއި، އެހެންކަމުން ރަޝިޔާގެ ފްރީޒްކޮށްފައިވާ މުދާ އަތުލުމުގެ ގާނޫނީ ހައްގެއް ޔޫރަޕަށް ނެތް ކަމަށް ބެލްޖިއަމްގެ ބޮޑުވަޒީރު ބާޓް ޑި ވެވަރ ވިދާޅުވެއްޖެއެވެ. ޑާވޯސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ރަޝިޔާގެ ފަންޑުތައް އަތުލުމަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށެވެ.

ބޮޑުވަޒީރު ޑި ވެވަރ އިތުރަށް ވިދާޅުވީ، ރަޝިޔާގެ މުދާ އަތުލުމާ ދެކޮޅު ނަމަވެސް، އެ ފައިސާ އެންމެ ފަހުން ބޭނުންކުރެވޭނީ ޔޫކްރެއިން އަލުން އާބާދުކުރުމަށް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ފައިސާގެ ތެރެއިން އެންމެ ޔޫރޯއެއްވެސް އަނބުރާ މޮސްކޯއަށް ދާންޖެހިއްޖެނަމަ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

  • ޔޫރަޕިއަން ޔޫނިއަންގައި ހިފެހެއްޓިފައިވާ ރަޝިޔާގެ މުދަލުގެ އެންމެ ބޮޑު ބައެއް ހުރީ ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ ޔޫރޯކްލިއަރގައެވެ.
  • އެއީ ގާތްގަނޑަކަށް 180 ބިލިއަން ޔޫރޯއެވެ.
  • މި ފައިސާ ޔޫކްރެއިނަށް ލޯނު ދިނުމަށް ރަހުނެއްގެ ގޮތުގައި ބޭނުންކުރުމަށް ކުރެވޭ ހުށަހެޅުންތަކަށް ބެލްޖިއަމް ސަރުކާރުން ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.
  • އެއީ އޭގެ ސަބަބުން ކުރިމަތިވެދާނެ ގާނޫނީ އަދި މާލީ ނުރައްކާތަކަށްޓަކައެވެ.

ބެލްޖިއަމްގެ ރަސްގެފާނު ފިލިޕްވެސް ވަނީ މި މައްސަލައިގައި ސަރުކާރުގެ ނިންމުމަށް ތާއީދުކުރައްވާފައެވެ. ރަސްގެފާނުގެ އަހަރީ ކްރިސްމަސް މެސެޖުގައި ވިދާޅުވީ، ޔޫކްރެއިންގެ ރައްޔިތުންނަށް ބެލްޖިއަމްއިން ދޭ އެއްބާރުލުމަށް ބަދަލެއް ނާންނާނެ ކަމަށާއި، ނަމަވެސް ރަޝިޔާގެ މުދަލާމެދު ގެންގުޅޭ ސިޔާސަތަކީ ސުވާލު އުފެދޭ ކަމެއް ނޫން ކަމަށެވެ.

"މިއީ ޔޫރަޕިއަން ޔޫނިއަންގެ އެތެރޭގައި އެއްބައިވަންތަކަން ދައްކަންޖެހޭ ވަގުތު. އަހަރެމެން ބައިބައިކުރުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދޭނަން،" ރަސްގެފާނު ވިދާޅުވިއެވެ.

މި ބަޔާންތައް އައިސްފައިވަނީ ޔޫކްރެއިނަށް 90 ބިލިއަން ޔޫރޯގެ ލޯނެއް ދިނުމަށް ޔޫރަޕްގެ ލީޑަރުން އެއްބަސްވެފައިވާކަން ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އިއުލާނު ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. މި ލޯނު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ފްރީޒްކޮށްފައިވާ މުދަލުން ލިބޭ ފައިދާ ބޭނުންކޮށްގެންނެވެ.

ރަޝިޔާއިން ވަނީ އެގައުމުގެ މުދާ ބޭނުންކުރުމަށް ކުރާ ކޮންމެ މަސައްކަތަކީ ވައްކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެފަދަ އަމަލުތަކަށް ރައްދު ދޭނެ ކަމަށާއި، އޭގެ ސަބަބުން ސީރިއަސް ނަތީޖާތަކެއް ނުކުންނާނެ ކަމަށް ކްރެމްލިންއިން ވަނީ އިންޒާރު ދީފައެވެ. ރަޝިޔާގެ ސެންޓްރަލް ބޭންކުން މިހާރު ވަނީ އެ ފައިސާ އަނބުރާ ހޯދުމަށް ޔޫރޯކްލިއަރއާ ދެކޮޅަށް ދައުވާވެސް އުފުލާފައެވެ.

ހިއްސާ ކުރައްވާ!