ހެޕަޓައިޓިސް ބީ އަށް ޖީން އެޑިޓިންގް ބޭނުންކޮށްގެން ރަޝިޔާގެ ސައިންސްވެރިން އައު ފަރުވާއެއް ހޯދައިފި

ރަޝިޔާގެ ސެޗެނޯވް ޔުނިވަރސިޓީގެ ސައިންސްވެރިން، ޒަމާނީ ޖީން އެޑިޓިންގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެޕަޓައިޓިސް ބީ އަށް އައު ފަރުވާއެއް ކާމިޔާބުކަމާއެކު ތަރައްގީކޮށްފި ކަމަށް އެ ޔުނިވަރސިޓީގެ ޕްރެސް ސާވިސްއިން ހާމަކޮށްފިއެވެ.

ސެޗެނޯވް ޔުނިވަރސިޓީގެ ލެބޯޓްރީ އޮފް ޖެނެޓިކް ޓެކްނޮލޮޖީސް ފޯ ޑްރަގް ޑިވެލޮޕްމަންޓްގެ ހެޑް ޑިމިޓްރީ ކޮސްޓުޝޭވް ވިދާޅުވީ، ދިރާސާވެރިން ވަނީ ބަޔޯޑިގްރޭޑަބަލް ނެނޯޕާޓިކަލްސް ބޭނުންކޮށްގެން ވައިރަސް ބޭނުންނުކޮށް ހަށިގަނޑަށް ބޭސް ފޯރުކޮށްދޭ ނިޒާމެއް އުފައްދާފައެވެ. މިއީ އެކި ކޮމްޕައުންޑްތައް 80 އިންސައްތައާ ގާތްކުރާ މިންވަރަކަށް ކާމިޔާބުކަމާއެކު އެންކެޕްސިއުލޭޓް ކުރެވުނު ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮސްޓުޝޭވް ތަފްސީލުކޮށްދެއްވި ގޮތުގައި، ކޮންމެ ނެނޯޕާޓިކަލްއެއްގައި 200 އާއި 250 އާ ދެމެދުގެ އަދަދަކަށް އެންޓިވައިރަލް އެޖެންޓްތައް ހިމެނެއެވެ. މިއީ ބަލިޖެހިފައިވާ ސެލްއެއްގެ ތެރޭގައި ހުންނަ ވައިރަސްގެ ޖީނޯމްގެ ހުރިހާ ބައިތަކެއް ނައްތާލުމަށް ފުދޭ މިންވަރެކެވެ. ލެބޯޓްރީ ދިރާސާތަކުން ދައްކާގޮތުގައި، މި ޕާޓިކަލްތައް ބަލިޖެހިފައިވާ ސެލްތަކުގެ 90 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ މިންވަރަކަށް ވަދެފައިވެއެވެ.

"މި އައު ބޭސް ހަށިގަނޑުގައި ހުންނަނީ ވަރަށް ކުރު މުއްދަތަކަށް، 20 އާއި 24 ގަޑިއިރު ތެރޭގައި ފުރަމޭގެ ޓިޝޫތަކުން މި ބޭހުގެ އެއްވެސް އަސަރެއް ފިލައިގެންދާނެ،" ކޮސްޓުޝޭވް ވިދާޅުވިއެވެ. މީގެ އިތުރުން  ކޮމްޕައުންޑްތަކަކީ ޖީން އެޑިޓްކުރުމާއި، އެޕިޖެނޮމިކް ރެގިއުލޭޝަން ފަދަ ތަފާތު ކަންކަމަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނެނޯޕާޓިކަލް ޑެލިވަރީ ޕްލެޓްފޯމަކީ ޔުނިވަރސަލް ނިޒާމެއް ކަމަށާއި، މީގެ އެހީގައި ހަށިގަނޑުގެ ވަކި ގުނަވަންތަކަށް ބޭނުންވާ ފަރުވާތައް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށްދޭ ފަރުވާއާއި، ޖެނެޓިކް މިއުޓޭޝަންތައް ރަނގަޅުކުރުމާއި، ނުރައްކާތެރި ވައިރަސްތައް ނައްތާލުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!