ރަޝިއާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭނުންވި މަގްސަދު ހާސިލްނުވެ، އޭގެ ބަދަލުގައި ޔޫރަޕުގެ އިގްތިސާދަށާއި އިޓަލީގެ އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އިޓަލީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު މާޓިއޯ ސަލްވީނީ ވިދާޅުވެއްޖެއެވެ. ކޮރިއޭރާ ޑެލާ ސެރާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ސަލްވީނީ ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ހުޅަނގުގެ އިގްތިސާދުތައް ބަލިކަށިވަމުންދާކަން ފާހަގަކުރައްވާފައެވެ.
ސަލްވީނީ ވިދާޅުވި ގޮތުގައި، ހަތަރު އަހަރާ ގާތްވާންދެން ކުރިއަށްދާ މި ހަނގުރާމައިގައި 19 ބުރުގެ މަތިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅިފައިވާއިރު، އޭގެ ނަތީޖާއަކަށްވީ ހުޅަނގުގެ އިގްތިސާދުތައް އިނދަޖެހި، އިޓަލީގެ އާއިލާތަކުން ދައްކަންޖެހޭ ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެގެން ދިއުމެވެ.
"އަޅުގަނޑަށް ފެންނަނީ ހުޅަނގުގެ އިގްތިސާދުތައް އިނދަޖެހި، އިޓަލީގެ އާއިލާތަކުގެ ކަރަންޓު ބިލްތައް އުޑާ ހަމައަށް އުފުލިފައިވާ ތަން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޔޫރަޕްގައި އިތުރުވަމުންދާ އަސްކަރީ ތައްޔާރީތަކާ މެދު ސަލްވީނީ ވަނީ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ މޮސްކޯން ނުރައްކަލެއް އޮތް ކަމަށް ބުނެ އަސްކަރީ ބާރު ގަދަކުރި ނަމަވެސް، ތާރީހަށް ބަލާއިރު ހިޓްލަރާއި ނަޕޯލިއަނަށް ވެސް އަސްކަރީ ގޮތުން މޮސްކޯ ފަތަހަ ނުކުރެވުނު ކަމަށެވެ. އެހެންކަމުން މިހާރުގެ ލީޑަރުންނަށް ވެސް އެކަން ކާމިޔާބުވުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި މައުލޫއާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. ވެންސް ވިދާޅުވި ގޮތުގައި، ހަމައެކަނި ދަތިކުރުމުގެ ފިޔަވަޅުތަކާއި ޔޫކްރޭނަށް ދޭ އަސްކަރީ އެހީގެ ސަބަބުން މި ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރާ މީހުން އުޅެނީ ކޮޅެއްނެތް ވަހުމެއްގެ ތެރޭގައެވެ.
ރަޝިއާގެ ރައީސް ލަޑިމިއަރ ޕޫޓިން ހާމަކުރައްވާފައިވާ ގޮތުގައި، ރަޝިއާގެ ފަރުދުންނާއި ކުންފުނިތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ އަދަދު މިހާރު ވަނީ 28,595 އަށް އަރާފައެވެ. މިއީ ދުނިޔޭގެ އެހެން ހުރިހާ ގައުމަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ވުރެ ވެސް އިތުރު އަދަދެކެވެ. ޕޫޓިން ވިދާޅުވީ މިއީ ރަޝިއާއަށް ސްޓްރެޓީޖިކް ގޮތުން ފިއްތުންތައް ކުރިމަތިކުރުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށެވެ.
މޮސްކޯއިން ތަކުރާރުކޮށް ބުނަމުންދަނީ ބޭރުގެ ފިއްތުންތަކަށް ކެތްކުރުމުގެ ގާބިލްކަން އެ ގައުމުގައި އެބަހުރި ކަމަށެވެ. ހަމައެއާއެކު، ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި ވެސް މި ފިޔަވަޅުތަކުގެ ފައިދާއާ މެދު ސުވާލު އުފައްދާ އަޑުތައް ދަނީ ދުވަހުން ދުވަހަށް ގަދަވަމުންނެވެ.







