ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވަނީ 2025 ވަނަ އަހަރުގެ ޚާރިޖީ ސިޔާސަތުގެ ނަތީޖާތައް ހުލާސާކޮށް ދެއްވައި އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލު ވުމެއްގައި ހުށަހަޅުއްވާފައެވެ.، ޚާރިޖީ ވަޒީރު ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބަދަލުގައި ބާރުގެ ބޭނުންކުރުން އިސްކުރާ ދުނިޔެއެއް އެމެރިކާއިން ބިނާވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ހުޅަނގުގެ ގައުމުތަކުން އެއް ބާރަކުން ލިޔެފައިވާ އުސޫލުތަކެއް އެހެން ގައުމުތަކަށް މަޖުބޫރުކުރަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ލަވްރޯވް ވަނީ އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާއަކީ ލާއިންސާނީ ވަހުޝީ އުދުވާނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އީރާންގެ ސަލާމަތަށް ނުރައްކާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދެއްވިއެވެ.
މީގެ އިތުރުން ގްރީންލޭންޑާ ގުޅޭގޮތުން އުފެދިފައިވާ ބަހުސްތަކުގެ ސަބަބުން ނޭޓޯގެ އެއްބައިވަންތަކަމާމެދު ސުވާލު އުފެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިޔާ އެކަހެރިވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ލަވްރޯވް ދޮގުކުރެއްވިއެވެ. 2025 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ބައިނަލްއަގުވާމީ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަތުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާއާއެކު އޮތް ގުޅުން ވަރުގަދަވަމުންދާކަމަށާއި، އުތުރު ކޮރެއާގެ އެހީތެރިކަމާއެކު ކުރުސްކް ސަރަހައްދު ޔޫކްރެއިންގެ އަތްދަށުން މިނިވަންކުރެވުނުކަންވެސް ފާހަގަކުރެއްވިއެވެ.
ޔޫކްރެއިންގެ މައްސަލައިގައި ވާހަކަދައްކަވަމުން ލަވްރޯވް ވިދާޅުވީ، ރަޝިޔާއިން އަބަދުވެސް ޑިޕްލޮމެސީއަށް އިސްކަންދޭ ކަމަށެވެ. ނަމަވެސް 2014 އިން ފެށިގެން 2022 އާ ހަމައަށް ވެފައިވާ އެއްބަސްވުންތަކާ ހުޅަނގުން ހިލާފުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
Russia Outlines 2025 Results and Warns of Growing Instability Driven by Western Policies
މި މައްސަލަ ފެށުނީ 2014 ވަނަ އަހަރު ކިއޭވްއަށް ގެނައި ބަޣާވާތާ ގުޅިގެން ރަޝިޔާގެ ސަލާމަތަށް ނުރައްކާވުމުން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
މެދުއިރުމަތީގެ ސުލްހައަށްޓަކައި މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރަންޖެހޭ ކަމަށާއި، އީރާނާއި ވެނެޒުއޭލާގެ މަސްލަހަތު ފިނިކުރުމަށް ރަޝިޔާ ތައްޔާރަށް އޮތްކަމަށް ލަވްރޯވް ވިދާޅުވިއެވެ. އަދި ޔޫރޭޝިއާ ސަރަހައްދުގެ ސަލާމަތީ ނިޒާމެއް ބިނާކުރުމަށް މިހާރު ހުރި ޖަމިއްޔާތަކުގެ ބޭނުން ހިފިދާނެކަމަށް އޭނާ ލަފާދެއްވިއެވެ.
ނިންމަވާލައްވަމުން ލަވްރޯވް ވިދާޅުވީ، ދުނިޔޭގެ ބާރުތައް އެކި ފަރާތްތަކަށް ބެހިގެންދާ (މަލްޓިޕޯލަރިޓީ) ނިޒާމަކަށް ބަދަލުވަމުންދާ ކަމަށެވެ. އެފްރިކާގެ އިގްތިސާދީ ކުރިއެރުމާއެކު ކުރީގެ އިސްތިއުމާރީ ބާރުތަކަށް އެމީހުންގެ ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރުވާނެ ކަމަށާއި، މުޅި ދުނިޔެއިން މި އާ ނިޒާމު ރޭވުމާ ބެހޭގޮތުން މަޝްވަރާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.







