ތުރުކީވިލާތާއި، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުގެ މެދުގައި ދިފާއީ ގޮތުން އާ ގުޅުންތަކެއް ބަދަހި ކުރަން ފަށައިފިއެވެ. މި ތިންގައުމާއެކު ސޯމާލިއާއާއި މިސްރުންވެސް ވަނީ ދިފާއީ ބަދަހި ގުޅުމަކަށް ވިސްނާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މުސްލިމް ދުނިޔޭގެ ޖިއޯޕޮލިޓިކްސްއަށް އަންނަ އެންމެ ބޮޑު އެއް ބަދަލު ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ނުރަސްމީ ސިފައެއްގައި ފެށިގެން އައި މި ގުޅުމަކީ މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އަދި މެދުތެރޭ އޭޝިއާގެ އިސްލާމީ ގައުމުތަކުގެ މެދުގައި އޮތް ސްޓްރެޓެޖިކް މަސްލަހަތުތައް އެއްގޮތްވަމުންދާ ކަމުގެ ހެއްކެކެވެ.
މި ގައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިވަމުންދަނީ ކޮންމެ ގައުމެއްގައި ހުރި ތަފާތު ވަރުގަދަ ސިފަތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ތުރުކީވިލާތުން ކުރިއަރާފައިވާ ދިފާއީ ޓެކްނޮލޮޖީއާއި ސަރަހައްދީ ނުފޫޒު ފޯރުވާއިރު، ސައުދީ އަރަބިއްޔާއިން މާލީ ބާރާއި ހަރުދަނާ ޑިޕްލޮމެޓިކް ގުޅުންތައް ފޯރުކޮށްދެއެވެ. އަދި ޕާކިސްތާނުން ފޯރުކޮށްދެނީ އަސްކަރީ ތަޖުރިބާއާއި ނިއުކްލިއާ ބާރުގެ އިތުރުން މެދުއިރުމައްޗާއި ދެކުނު އޭޝިއާ ގުޅުވައިދޭ ފާލަމެއްގެ ދައުރެވެ. ސޯމާލިއާއާއި މިސްރުން ރެޑްސީގެ ދިފާއު އަދި މުހިންމު މައުދަންތަކާއި ސްތްރެޓިކްކަން ފޯރުވައި ދެއެވެ.
ތުރުކީގެ ޑްރޯން ޓެކްނޮލޮޖީއާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް އެކްސްޕޯޓް ކުރުން އިތުރުވެފައިވާއިރު، ސައުދީ އަރަބިއްޔާއިން ދަނީ ޕާކިސްތާނުގެ ހަކަތައާއި ދިފާއީ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، 2025 ވަނަ އަހަރުގެ ސައުދީ-ޕާކިސްތާން ސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމަންޓް އަކީ މި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ޔޫއޭއީ އަކީ މިހާރު ބާކީ ކޮށްފައިވާ ގައުމެކެވެ. ސޯމާލިއާއިން ވަނީ ޔޫއޭއީ ބޭރުކޮށްލާފައެވެ. މިސްރުން ވަނީ ޔޫއޭއީގެ ކަންކަމާ ބެހޭ ޖާސޫސީ ފައިލެއް ސައޫދީއާ ހަވާލުކޮށްފައެވެ.
މި ގައުމުތަކުގެ ގުޅުމަކީ މީގެ ކުރިން މުސްލިމް އުންމަތުގައި ފެނިފައިނުވާ ފަދަ ޓެކްނޮލޮޖީއާއި، މާލީ ތަނަވަސްކަމާއި އަސްކަރީ ގާބިލުކަން އެއްކޮށްލާފައިވާ ވަރުގަދަ މޮޑެލްއެކެވެ. މީގެ ސަބަބުން މުސްލިމް ގައުމުތަކުގެ މެދުގައި އޮންނަ ބަރޯސާވުން ކުޑަވެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
މީގެ ކުރިން މުސްލިމު ގައުމުތަކުން މިފަދަ ގުޅެއް އުފެއްދުމަށް މަސައްކަތް ކުރީ ބަޣުދާދް މުއާހަދާގެ ނަމުން 1950ގައެވެ. ނަމަވެސް އެކަމަކީ އެއިރުގެ އިސްތިއުމާރީ ބާރަށް ގަޔާވާ ކަމަކަށް ނުވުމުން އެކަން އިތުރަށް ކުރިއަށް ގެންދިޔަ ނުދިނުމަށް ހުރަސްތައް ކުރިމަތިކޮށް މުޅި މަސައްކަތް ފޭލިކޮށްލިއެވެ.
މިފަހަރުގެ މަސައްކަތް ތަފާތުވާ އެތައް ސަބަބެއް ފެނެއެވެ. އެމެރިކާގެ އުދުވާނީ ސިޔާސަތުތަކާއި ގައުމުތައް މިނިވަން މުސްތަގިއްލުކަން ބޭނުން ވުމާއި ކޮންމެ ގައުމެއްގަިއވެސް ގުޅިގެން ދިފާއަށް މަސައްކަތް ކުރެވިދާނެފަދަ ވަސީލަތްތައް ހުރުން ހިމެނެއެވެ. ސައުދީ އަރަބިއްޔާއިން ދަނީ ޕާކިސްތާންގައި އުފައްދާފައިވާ އަސްކަރީ މަތިންދާބޯޓުތައް ގަތުމަށްވެސް މަޝްވަރާތައް ކުރަމުންނެވެ.
މި އިއްތިހާދުގެ ސަބަބުން މުސްލިމް ދުނިޔޭގެ ހަމަޖެހުން ވަރުގަދަވެ، ބައިނަލްއަގުވާމީ މައިދާނުގައި މުސްލިމް ގައުމުތަކުގެ ބަސްވިކޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިފާއީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވި، ދުނިޔޭގެ ސަލާމަތީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއްގެ ގޮތުގައި މުހައްލިލުން ފާހަގަކުރެއެވެ.

