އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.
މާލޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ދެއްކެވި ނަމޫނާގައި ސާބިތުކަމާއެކު ހިފަހައްޓަވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މޭޔަރު ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އާޓިފިޝަލް ބީޗް ކުރިމަތީ ހުންނަ ޕީއެންސީގެ އޮފީހުގައި ހުޅުވި މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން މޫސާ އަލީ ޖަލީލު ފާހަގަކުރެއްވި ގޮތުގައި، 2011 ވަނަ އަހަރު މާލެ ސިޓީ ކައުންސިލްގެ ނިޒާމު ތައާރަފުވި ފަހުން ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި، މާލޭގެ ރައްޔިތުންނަށް ކައުންސިލުން އެކަށީގެންވާ ފެންވަރެއްގެ އާރުލާ ޚިދުމަތްތަކެއް ފޯރުކޮށްދެވިފައެއް ނެތެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް މުޢިއްޒު މޭޔަރުކަމަށް އިންތިޚާބުވުމާއެކު އެ ހާލަތު ބަދަލުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ، މި އޮފީހަކީ ހަމައެކަނި އޭނާގެ ކެމްޕެއިން އޮފީހެއް ނޫން ކަމަށާއި، މިއީ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ވެސް އޮފީހެއް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވީ، އެ މަގާމުގައި ކުރިން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތަކާއި، ރައްޔިތުންނާ ގާތުން ގެނެސްދެއްވި ބަދަލުތައް ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ބޮޑެތި ބަދަލުތަކެއް ބޭނުންވެފައިވާކަން ފާހަގަކުރައްވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން ވަރަށް ގިނަ ޝަކުވާތައް އިވިގެންދިޔަ ކަމަށެވެ. އެހެންކަމުން، މީގެ ކުރިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ މުޅި ގައުމީ ހަޔާތުގައި ވެސް ކަންކަމާ ކުރިމަތިލާފައި ވަނީ ކެރިގެން ސާބިތުކަމާ އެކު ނަތީޖާ ނެރުމުގެ ވަރުގަދަ އަޒުމުގައި"، މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.
މީގެއިތުރުން، އޭނާ ވަނީ މާލޭގެ މޭޔަރުކަމަށް ހޮވައިދެއްވައިފި ނަމަ، ރައްޔިތުންގެ ހިދުމަތުގައި 24 ގަޑިއިރު ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މާލެއަކީ ޗާލު އަދި އުފާވެރި ދިރިއުޅުމެއް އޮތް ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ހިދުމަތް ދިނުމުގައި އެއްވެސް ސިޔާސީ ކުލައަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.

