އާކްޓިކްގައި ދުއްވާ ފުރަތަމަ ކާރަކީ ރަޝިޔާގެ އެޓޮމް ކާރު

ރަޝިޔާގެ ނިއުކްލިއާ ހަކަތައާ ބެހޭ ކުންފުނި 'ރޮސާޓަމް' އިން އިސްނަގައިގެން، އެ ގައުމުގައި އުފެއްދި ފުރަތަމަ އިލެކްޓްރިކް ކާރު ކަމަށްވާ 'އެޓޮމް އާކްޓިކް ނުވަތަ އުތުރު ޕޯލްގެ ސަރަހައްދަށް ގެންގޮސްފިއެވެ. މި ކާރު އެ ސަރަހައްދަށް ގެންގޮސްފައިވަނީ ’50 އިޔާސް އޮފް ވިކްޓްރީ' ނަމަކަށް ކިޔާ ނިއުކްލިއާ ކަނޑުފެން ކަނޑާ އުޅަނދެއްގައެވެ.

މި ދަތުރަކީ ރަޝިޔާގެ އައިސްބްރޭކަރުތައް އޮޕަރޭޓްކުރާ 'އެޓޮމްފްލޮޓް' އާއި މި ކާރު އުފެއްދި 'ކާމާ' ކުންފުނި ގުޅިގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. އެޓޮމް ކާރަކީ ޒަމާނީ އިންޖިނިއަރިން އާއި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މީގެ ތެރޭގައި އަމިއްލަ އޮޕަރޭޓިން ސިސްޓަމަކާއި، އޯގްމެންޓެޑް ރިއަލިޓީ ޑިސްޕްލޭ އަދި ދުއްވާ މީހާއަށް އެހީތެރިވެދޭ އެޑްވާންސްޑް އޭޑީއޭއެސް ސިސްޓަމް ހިމެނެއެވެ.

ކާރު އުފެއްދި ކުންފުނީގެ ސީއީއޯ އިގޯރް ބޮވަރަޒްޑްނޮކް ވިދާޅުވީ، ރަޝިޔާގެ އަމިއްލަ އިންޖިނިއަރުން ފަރުމާކުރި މި ކާރު ނިއުކްލިއާ އައިސްބްރޭކަރެއްގައި ދަތުރުކުރުމަކީ ރަޝިޔާގެ އިލެކްޓްރިކް މުސްތަގުބަލު ފެށިފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ކާރު ފަރުމާކޮށްފައިވަނީ ރަޝިޔާގެ ފިނިގަދަ މާހައުލާ ގުޅޭގޮތަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ކާރުގެ ބެޓެރީއާއި ހޫނުކޮށްދޭ ސިސްޓަމްތައް ހާއްސަކޮށްފައިވަނީ އާކްޓިކް ފަދަ ގަދަ ފިނީގައިވެސް ރަނގަޅަށް މަސައްކަތްކުރާނޭ ގޮތަށެވެ. އެޓޮމް ކާރަކީ އެއްފަހަރު ޗާޖުކޮށްލައިގެން 500 ކިލޯމީޓަރަށް ދަތުރުކުރެވޭ ކާރެކެވެ. އަދި އެންމެ 8 މިނެޓުގެ 'ސްޕަރ ފާސްޓް' ޗާޖަކުން 100 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލްކަން މި ކާރަށް ލިބިގެންވެއެވެ.

މީގެ އިތުރުން، މި ކާރަކީ ބާރުމިނުގައި ސުން ކިލޯމީޓަރުން 100 ކިލޯމީޓަރަށް އެންމެ 8 ސިކުންތުން ދާ އުޅަނދެކެވެ. މިއީ މައިގަނޑު ގޮތެއްގައި ސިޓީތަކުގައި ދުއްވުމަށް ފަރުމާކޮށްފައިވާ ކާރެއް ކަމުގައިވި ނަމަވެސް، އާކްޓިކްގައި ކުރެވުނު މި ތަޖުރިބާއިން ދައްކުވައިދެނީ ތަފާތު މާހައުލުތަކަށް މި އުޅަނދު ހޭނޭ މިންވަރު ކަމަށް ކުންފުނިން ބުނެއެވެ.

ހިއްސާ ކުރައްވާ!